ސްޓްރިކްޓް ލައިބިލިޓީގެ ކުށްތަކާއި އެކުށް މާނަކުރުމުގައި ދިވެހިން ގެންގުޅޭ ފަލްސަފާ


ލިޔުން ތާރީހް: 3 މެއި 2021

ޝައްކެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ޢިލްމީ ފަލްސަފާއެއް ގެންގުޅޭނެއެވެ. އަޅުގަނޑުގެ މި ލިޔުމުގެ ސުރުޚީ އެއްކަމުގައި ވިސްނައިފައިވަނީ “ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި އިލްމީ ދަލީލުގެ އަލީގައި ސްޓްރިކްޓް ލައިބިލިޓީގެ ކުށްތަކާއި އެކުށް ދިވެހިން މާނަކުރުމުގައި ގެންގުޅޭ ފަލްސަފާ” އެވެ. ޔަޤީނުން ކޮންމެ ޤައުމެއްގައިވެސް ޤާނޫނީ އުސޫލުތަކަކީ އެންމެ ޢިލްމީ އަދި ހަރުދަނާ ވިސްނުމުގައި ފަރުމާކުރާ އެއް އަސާސެވެ. ޙުކުމްކުރުމުގެ އަސާސެވެ. އެންމެ ފުރަތަމަ މި ލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައިވާ މުހިންމު ބައެއް މުނާސަބުލަފުޒުގެ މާނަ (މަފްހޫމް) ހާމަކޮށްލަމެވެ. އެހެނީ މިއަށްފަހު ލިޔާ ލިޔުންތައް އިތުރަށް ދޭހަވާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު:    ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޙުކުމް އިއްވުމަށް އެކުލަވައިލައިފައިވާ އުސޫލުތަކާއި ޤާނޫނާއި ޤަވައިދުތައް. އަދި އަދަބު ކަނޑައެޅިފައިވާ ކަންކަމާއި އަދަބުގެ މިންވަރާއި ފޮތް ހާމަކޮށް ލިޔެފައިވާ ޤާނޫނު.

އިލްމީ ދަލީލުތައް:             ދިރާސާގެ އަލީގައި ހާމަކޮށްފައިވާ ހާމަކުރުންތަކާއި ޢިލްމީ ފޮތްތަކުގައި ބަޔާންކޮށްފައިވާ ނިންމުންތަކާއި، އެ ކަންކަން ސާބިތުކޮށްދޭ ހެކިތައް.

ސްޓްރިކްޓް ލައިބިލިޓީ:          ސަލާމަތްވެވެން ނެތް، ނިޔަތަށް ބުރަ ނުވާ، ކުށުގެ ޢަމަލުތައް. ހެއްކެއް ދެއްކޭނޭ ނިޔަތުގެ އަސާސެއް ނެތް އެހެނަސް ކުށް.

ސްޓްރިކްޓް ލައިބިލިޓީގެ ކުށް:     ސްޓްރިކްޓް ލައިބިލިޓީގެ ކުށަކީ އެ ކުށެއް ކުރުމުގައި ނިޔަތެއް ނެތި ކޮށް ހާމަވާ ކުށްކުށެވެ. މީގެ ތެރޭގައި އިހުމާލާއި ފަރުވާ ކުޑަވުމުން ނުކުންނަ ނަތީޖާ. ކުރާ ޢަމަލަކުން ނުކުންނަ ނަތީޖާގެ ނުރައްކާތެރިކަން.

ކުށް މާނަކުރުން:              ކުށުގެ ގޮތުގައި ނިންމާ ނިންމުންތަކާއި އެ ހިނދަށް ވިސްނޭ ވިސްނުން. 

ގެންގުޅުން:                  ކުރާ ޢަމަލުން ފެންނަ ކަންކަން. އަދި ގެންގުޅޭގޮތާއި އުސޫލުތައް.   

ފަލްސަފާ:                   ފިލޯސަފީ. ކަނޑައެޅިފައިހުރި ޢިލްމުން ހޯދާ ދިރާސާ. އިންތިޒާމީ އުސޫލު.

ދިވެހި ޤާނޫނުލްޢުޤޫބާތު

“ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި އިލްމީ ދަލީލުގެ އަލީގައި ސްޓްރިކްޓް ލައިބިލިޓީގެ ކުށްތަކާއި އެކުށް މާނަކުރުމުގައި ގެންގުޅޭ ފަލްސަފާ” އަށް ބަލައިލުމުގައި އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް ބަލައިލަމާތޯއެވެ؟

ދިވެހިރާއްޖޭގެ ވެރިކަން ވިރާސީ އުސޫލުން ހިނގަމުންއައިސް އެ ވެރިކަމުގެ އުސޫލަށް ބަދަލުތަކެއް ގެނެވި ރަސްކަން ޖުމުހޫރިއްޔަތަކަށް، 1954 ގައި ބަދަލުވެ، އަލުން އެ ޖުމްހޫރިއްޔަތު ނެތިގޮސް އިންތިޚާބީ ރަސްކަމެއް އުފެދި ދިވެހި ދައުލަތް “އަމާން” ކުރަމުން ސަލާމަތް ގޮތެއްގައި ހިނގަމުންދިޔަކަމުގައި ތާރީޚުގެ ލިޔުންތަކުގައި ވެއެވެ. އެންމެ ފަހުން 1968 ގައި އަލުން ޖުމްހޫރީ ވެރިކަމެއް އުފެދި ހެޔޮ ބަދަލުތަކަކާއެކު ދިވެހި ރައްޔިތުންގެ ސަރުކާރެއް އެކުލެވި ހިނގަންފެށިއެވެ. އޭރު ސުމުއްވުލް އަމީރު އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދަށުން ދައުލަތުގެ ޝަރުޢީ ނިޒާމު އިސްލާޙުކުރެވި 1961ގައި (ފެންނަންހުރި ތާރީޚުތަކުން މީގެކުރީގެ ބަޔާންކުރުމެއް ނުފެނުނު) ވަނީ އޭރަށް ކަމުދަނޭ ޤާނޫނުލްޢުޤޫބާތެއް އުފަންކުރެވިފައެވެ. މިކަން ދިވެހިބަހުގެ އެކެޑަމީގެ ލިޔުންތަކުން (2012) އެނގެން އެބައޮތެވެ.

ދިވެހިންގެ މި ފަސްގަނޑުން ޕޯޗުގީޒުން ފައްސައިލައި ބޮޑުތަކުރުފާނު ރަސްކަމާ ޙަވާލުވެވަޑައިގެން، އެންމެ ފުރަތަމަކުރައްވަން ފެއްޓެވި އެއް ކަމަކީ ދައުލަތުގެ ޝަރުޢީނިޒާމު ހެޔޮކުރުމުގެ މަސައްކަތެވެ. އޭގެފަހުން މިވީ އަހަރުތަކުގައި އެކަށޭނަ އިސްލާޙާއި ހެޔޮ ޚިޔާލުތަކާއެކު މީލާދީން 1966ގައި ޝަރީޢަތްކުރާނޭގޮތްތަކާއި މާނަކުރުންތައް، އޭރަށް ކަމުދާނޭ މިންވަރަށް ކަނޑައެޅި ޤާނޫނުލްޢުޤޫބާތު އިތުރު އިސްލާޙުތަކާވެސް އެކުގައި ނެރެ ޢާންމުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ޤާނޫނުލްޢުޤޫބާތާބެހޭ ލިޔުމުން (2008) އެނގެން އެބަ އޮތެވެ. މިއަށްފަހު 1974 ގައާއި 1976 ގައާއި 1985 ގައިވެސް ޤާނޫނުލްޢުޤޫބާތަށް އިސްލާޙުތަކެއް އައެވެ. މިއަދު މި ދެކޭ ޤާނޫނަކީ އެ ހުރިހާ އިސްލާޙުތަކާއެކު ޒަމާނީ ފިކުރާއި ޢިލްމީ ވިންދުގައި އެކުލަވައިލައިފައިވާ ޝަރުޢީ ޤާނޫނުލްޢުޤޫބާތެކެވެ.

މިއަދު ދިވެހި ދައުލަތުން ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތަކީ 2014 ވަނަ އަހަރު ގެޒެޓްކުރެއްވި ޤާނޫނެވެ. މި ޤާނޫނަށްވެސް މިހާރުވަނީ ކުދި ކުދި އިސްލާޙު އައިސްފައެވެ. މިހިނގާ 2020 ވަނަ އަހަރުވެސް ކުދި އިސްލާޙު އައިސްފައިވެއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ މަސައްކަތަކީ މި ދިވެހި ޤާނޫނުލްޢުޤޫބާތު ބަލައި ކިޔައި މީގައި ހިމެނޭ ސްޓްރިކްޓް ލައިބިލިޓީ (އިހުމާލާއި ފަރުވާ ކުޑަކަމުގެކުށުގެ ބައި) ބަލައި ވިސްނައި ފިކުރުކުރުމަށްފަހު ވާހަކަދެއްކުމެވެ. މި ސުރުޚީއަށް ބަލައިލުމުގައި އިންކޮށްފައިވަނީ ކްރިމިނަލް ލޯ އެވެ. މިގޮތުން ވާހަކަދައްކާއިރު ޤާނޫނުގައި ހުރި އަމުރު މަޢުރޫފްތަކުން ސްޓްރިކްޓް ލައިބިލިޓީގެ ކުށް މާނަކުރާގޮތާއި ޤާނޫނުގައި ބޭނުންކޮށްފައި ހުރި ފަލްސަފާއަށް ބަލައިލުމެވެ. އިރާދަކުރެއްވިއްޔާ މިކަންކުރެވޭތޯ ގަލަން މި ހިންގަނީއެވެ.

ޤާނޫނުލް ޢުޤޫބާތާއި ކްރިމިނަލް ލޯ

ކްރިމިނަލް ލޯއަކީ ކުށުގެ ޤާނޫނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޤާނޫނުލް ޢުޤޫބާތެވެ. ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަން ކުރުމުން އެއީ ކުށެއްކަމުގައި ބެލޭނޭގޮތާއި ޝަރުޠާއި އެ ކުށަށް އަދަބު ދިނުމުގައި ބަލާ މިންގަނޑާއި އުސޫލު ލިޔެވިފައިވާ ލިޔުމެވެ. އެރިކް ޖެންސެން (2014) ލިޔެފައިވާ ލޯ ސްޓަޑީގެ ތަޢާރަފް ގައިޑްލައިން “އިންޓްރޮޑަކްޝަން ޓު ދަ ލޯސް އޮފް ޓައިމޮރ- ލެސްޓޭ ކްރިމިނަލް ލޯ” ގައި ހާމަކުރާގޮތުގައި ވެށީގެ ޤާނޫނާއި ޤަވައިދުތަކާ ޚިލާފަށް ކުރާ ކުށްކުށަށް ދެވޭނޭ އަދަބާއި މިންގަނޑާއި ދިފާޢުވެވޭނޭ ފުރުސަތުތައް ހާމަކޮށް ލިޔެފައިވާ ޤާނޫނުތަކަކީ ކްރިމިނަލް ލޯއެވެ.

ޕްރޮފެސަރ އަންވަރުﷲ (2002) ހާމަކުރާގޮތުގައި ކުށެއްކަމުގައި (ކްރައިމް)ބަލާނީ މައިގަނޑު 3 ބައެއް އެ ޢަމަލެއްގައި ހަމަވީމައެވެ. އެއީ އެކްޓަސްރިއާސް އާއި މެންސްރިއާ އާއި ޕްރޮކްސިމޭޓަ ކައުޒޭޝަންއެވެ. އެންޑީ ސްކްމިޓްޒް (2012) އޭނާގެ ފޮތް “އިންޓްރޮޑަކްޝަން ޓު ކްރިމިނަލް ލޯ”ގައި ހާމަކޮށްފައިވާގޮތުގައި ކްރިމިނަލް ލޯ ގައި ކޮންކަރެންސް (Concurrence) އާއި ކުށުގެ ޙަރަކާތް (Criminal act) ކުށުގެ އިންޓެންޓް (Criminal intent) ހިމެނޭނެއެވެ. އެއީ ބައިވެރިވުމާއި (ޖޮއިންޓެއް) ކުށެއްކަމުގައިވުމާއި (ކްރައިމް) އިހުމާލެއް (ނެގްލިޖެންސެއް) ވާންޖެހޭނެއެވެ. ޑރ.މުޙައްމަދު ޖަމީލް (2020، އަތްމަތީ ކަރުދާސް)ވިދާޅުވާގޮތުގައި ކުށުގެ ގޮތުގައި ބެލެވޭނޭ އެންމެ ސާބިތު އުސޫލަކީ ނިޔަތާއި ޢަމަލު އޮތުމެވެ. ހަމަ މި ބީދައިން ޑރ. ޖަމީލް ވިދާޅުވިގޮތުގައި އިހުމާލާއި ޒިންމާ ނުއުފުލުގެ ކުށަކީ (ސްޓްރިކްޓް ލައިބިލިޓީ)ވެސް އޭގައި ނިޔަތް ނެތަސް ކުށުގެ އަދަބު ލިބޭނޭ އުސޫލެކެވެ.

ދިވެހި ޤާނޫނުލް ޢުޤޫބާތުގެ 20، 22، 23، 24، 25 މި މާއްދާތަކުގައި ސްޓްރިކްޓް ލައިބިލިޓީގެ މާނަކުރެވޭ ޤާނޫނުތައް އެބަހުއްޓެވެ. މި މާއްދާތަކުގައި އަދި ދިފާޢުގެ ބައިތަކެއް ނެތެވެ. އެ ބައިތައްވަނީ އޭގެ ފަހުގެ މާއްދާތަކުގައެވެ. މި ލިޔުމުގައި މި ބައިތަކަށް ބަލައި ނުލަމެވެ. މި ހިސާބުން ސްޓްރިކްޓް ލައިލިބިލިޓީއަކީ ކޮބައިތޯ ބަލައިލާނަމެވެ.  

ސްޓްރިކްޓް ލައިބިލިޓީ Strict liability :

ރިޗަޑް އޭ.އެޕްސްޓެއިން (1973) އާއި ހެންސް ބާންޑް ސްކޭފަރ، ފްރޭންކް މިއުލަރ ލޭންގަރ. (2008). “ސްޓްރިކްޓް ލައިބިލިޓީ ވާރސަސް ނެގްލިޖެންސް” ހާމަކުރަމުން ބުނެފައިވާގޮތުގައި ސްޓްރިކްޓް ލައިބިލިޓީއަކީ ފަރުވާ ކުޑަވުމާއި އިހުމާލުން ޒިންމާ އުފުލަންޖެހޭ ނަތީޖާއެވެ. މިއީ ކުށެވެ. މިފަދަ ކުށުގެގޮތުގައި އިއްތިފާޤަކުން ބޮލުގައި އަޅަންޖެހޭ ކުށްވެސް ހިމެނެއެވެ. މިފަދަ އެންމެ ފަސޭހަ އެއް، ދިވެހި މައްސަލައަކީ ކާނަލް ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައެވެ. (ނުނިމޭ)


މުދައްރިސް
(c) 2021