“މަޒުމޫނު”މިއީ ދިވެހިބަހުގެ ބަސްފޮތުގައި އޮތް ދިވެހި ލަފުޒެކެވެ. އެ ލަފުޒުގެ އަސްލަކީ ޕާސިއަން ބަސްކަމުގައި ބައެއް ލިޔުންތެރިން ލިޔެފައިހުރެއެވެ. އަނެއް ބަޔަކު އެއީ ފާރިސީބަހުގެ ލަފުޒެއްކަމާއި ޢަރަބިބަހުގެ ލަފުޒެއްކަމުގައިވެސް ލިޔެފައި ހުރެއެވެ. އެހެނަސް މި ލަފުޒު ” مضمون” އަކީ މިއަދު ދިވެހި ބަހުގެ އެތައް ދިމާއެއްގައި ބޭނުންކުރާ، ދިވެހިބަހުގެތެރެއަށް ވަދެ ދިވެހިވެފައިވާ ލަފުޒެކެވެ. އަޅުގަނޑުގެ މި ލިޔުމަށް މަޢުލޫމާތު އެއްކޮށްލުމަށް އުރުދޫ ބަހުގެ ބަހަވީ ފޮތްތައް ބަލައިލީމާ އެނގުނުކަމަކީ ” مضمون” މި ލަފުޒުގެ މާނަ ފުންކަމާއި ގިނަކަމެވެ.
” مضمون” މި ލަފުޒުން ކުރެވޭ އެއް މާނައަކީ ބަޔާންއެވެ. އެހެން މާނަތަކަކީ ޖުމުލަ، ލަފުޒުގެ އެކުލެވުމާއި ގެތުން، މަޢުލޫމާތާއި ޢިލްމު އަދި ހާމަކުރުންއެވެ. ޖުމުލަކޮށް މި ލަފުޒުން ބުނެދެނީ “ސުރުޚީ” ކަމުގައިވެސް ހާމަކޮށްފައިވެއެވެ. ކޮންމެ ގޮތެއްވިޔަސް މި މާނަތަކުން އެނގެނީ ލިޔުމެއް ލިޔެފިނަމަ މަޒުމޫނުގެ ބައިގައި ހިމެނޭކަމެވެ. ވީމާ އޮޅުންފިލުވައިދޭން ލިޔުނަސް ބަޔާންކޮށްދޭން ލިޔުނަސް ކިޔައިދީ ބަހުސްކުރަން ލިޔުނަސް މަޒުމޫނުގެ ބައިގައި ހިމެނެއެވެ. އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ މިއިން ކޮންމެ ބާވަތެއްގެ ލިޔުމެއް ލިޔުނަސް އަވަސްކޮށް ތައްޔާރުވެ ލިޔެވިދާނޭ ލަފައެއް ދިނުމެވެ.
މަޒުމޫނެއް ލިޔުމަށް ފިކުރެއް ތިލަކުރެވިއްޖެނަމަ އެ ފިކުރު ވާނީ ސުރުޚީއެއްގެ ދަށުގައެވެ. ނުވަތަ މައުޟޫޢެއްގެ ދަށުގައެވެ. އެހެންވީމާ މަޒުމޫނެއް ލިޔުމަށް، ނޫނީ ލިޔުމެއް ލިޔުމަށް ޖެހިއްޖެ ހިނދެއްގައި އަންނަނިވި ކަންކަން ކޮށްލުން ބުއްދިވެރިއެވެ. އެއީ އަވަސް މަގަކުން ހެޔޮ މިނެއްގެ ލިޔުމެއްލިޔުމަށް ފަސޭހައަކަށެވެ.
އިހަށް ދިޔަ މިސާލުގައި ކަނޑައަޅައިފައިވާ ސުރުޚީއަށް ލިޔެފައިވާ މަޒުމޫނެއް މިތަނުގައި މިވަނީއެވެ. ދަށުރޮނގުން ފާހަގަކޮށްފައި އެވަނީ ސުރުޚީގެ ދަށުން ހޯދައި ޖަމާކުރި މައިގަނޑު ފިކުރުތަކެވެ. ނުކުތާތަކެވެ.