މިދަލަކު ފުލުންފުލަށް، ފުލަށް ބައި


ލިޔުން ތާރީހް: 3 މެއި 2021

އައްސަލާމު ޢަލައިކުމް

ކިހިނެއް ހުރިހާކުދިން.

މިއަދު މުދައްރިސް މި އުޅެނީ ތިޔަކުދިންނަށް ވަރަށް ނަލަ ޗާލު ވާހަކައެއް ކިޔައިދޭން. އިނގޭ. މިއީ ތިޔަކުދިންނާ ވަރަށް ގުޅޭ މޮޅު މޮޅު ވާހަކައެއް. ބުޅަލާ މީދަލާ ގުޅޭ ވާހަކައެއް. މަޖާވާނެ މިވާގޮތް އިނގޭ.

ތިޔަކުދިން ދަންނަންތަ، މިދަލުކުފުލުން ފުލަށް ފުލަށްބައި؟

ނުދަންނަން ދޯ. ބުނަން މިއީ ވަރަށް މަޖާ ކަމެއްގެ ވާހަކަ.  

ވީ ގޮތަކީ އެއްދުވަސްވަރެއްގައި އަވިލިވަލުގައި އުޅުނު ފޫޓެއްހައި ދިގު މީދަލެއް. މި މީދަލަކީ އެ ސޮރުގެ ސާޅީސް  ދަރިން ތިބި މީދަލެއް. މި މީދާ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު، ވަރަށް މޮޅަށް ދަރިންފަތި ގޮވައިގެން ދާނެ ގޭގޭ ވަކަރުމަތިން، ހަރުގެތަކުގެ އަސްކަނިން، ބަދިގެތަކު ދުމަށިމަތިން، އޮޑިއޮޑީގެ ކަނދު ދަށުން، ގުދަންގުދަނުގެ ބަސްތާތަކުންމަތިން. ބައެއްފަހަރު މިތަން ފެނިފައި، އެ ހިސާބުގައި އުޅޭ ލައްބިއްލާ ބައުބައު ގޮވަމުން ލަވައެއް ކިޔާނެ.

ކުދިންނޭ! ބުނަންތަ؟ މި ލައްބިއްލާއަކީ ދެ ނަގޫ ހުރި ދިވެހި ބުޅަލެއް، އިނގޭ. ހުދު ހުދު ރީތި ބުޅަލެއް މިއީ. މުޅި ގައިގައި ވަރަށް ރީތިކޮށް ހުންނާނެ ކަޅު ލައްތަކެއް ޖަހައިފައި. އެހެންވެ އެ ބުޅަލަށް މީހުން ކިޔަނީ ލައްބިއްލާ.

ކޮންމެއަކަސް މި ބުޅާ، އެއްކަލަ މީދާ ދަރިންފަތި ގޮވައިގެން ދާތަން ފެނިފައި، މި ލަވަ ކިޔަން ފަށާނެ. މި ކިޔައިދެނީ އެ ލަވަ، އިނގޭ. ތިޔަކުދިންވެސް ކިޔައްޗޭ މުދައްރިސްގެ ފަހަތުން!.

“މީދާތައް އެތިބަ ދަނިއްޔޭ… ވަކަރު ވަކަރު މަތިންޗޫން… ތަލިތަޅަމުން ތަލި ތަޅަމުން …އެކި އަތަށް ތުންހަރަމުން… އެތިބަ ދަނިއްޔޭ…  ޗުސް ޗުސް ޗުސް ލައްވައި… ޗަކިޗަކިޗަކި ޖަހާނޭ….  މީދާތައް އެތިބަ ދަނިއްޔޭ…..”

މިހެން ކިޔަ ކިޔައި އުޅެފައި ބުޅާ އެއް ދުވަހު ހިތަށް އެރި، މީދާ އެހާ މޮޅަށް އޭނާގެ ދަރިންތައް ގޮވައިގެން އެ ދަނީ ކޮން ބަންޖެއް ކިޔައިގެން ބާވައޭ.. މިހެން ބުނެ ކަންފަތް ދިއްކޮށްލި އިރު މީދާ ކިޔާތީ އިވުނު. “މިދަލަކުފުލުންފުލަށް ފުލަށް ބައި” “މިދަލަކު ފުލުން ފުލަށް ފުލަށް ބައި” “މިނަގޫ ފަހަމުން މިނަގޫ ހިފަމުން ފުލަށް ފުލަށްބައި” “މިދަލަކު ފުލުން ފުލަށް ފުލަށްބައި”

ކުދިންނޭ.. މި ލަވައިގެ އަޑު އަހަން އެ ގޭތެރޭ ބިތްބުޑުގައި އޮވެފައި އެއްކަލަ ލައްބިއްލާ ހިތަށް އަރައިފި. “މިހެން ކީމާ މަގޭ މިތިބަ ސޯޅަ ދަރިންވެސް އެގޮތަށް ސަފު ހަދައިގެން އަންނާނެތާއޭ.  އެކި ދިމާއަށް މަގު އޮޅި ނުދާނެތާއޭ.” މިހެންހިތައި ލައްބިއްލާ ކިޔަން ފެށި.  “މިދަލަކުފުލުންފުލަށް ފުލަށް ބައި” “މިދަލަކު ފުލުން ފުލަށް ފުލަށް ބައި” “މިނަގޫ ފަހަމުން މިނަގޫ ހިފަމުން ފުލަށް ފުލަށްބައި” “މިދަލަކު ފުލުން ފުލަށް ފުލަށްބައި”

ސަހަރޯ.. ބުނާކަށް، މި ލަވަ ލައްބިއްލާ ކިޔާ އަޑު އިވިފައި ޅަ ބުޅާތައް އެ ސޮރުންގެ މަންމަބުޅާ ދޫކޮށް މީދާތަކުގެ ފަހަތުން ދާންފެށި. މައި ބުޅާ ބުނި. “އަހޭ އަޅޭ ނުދޭ ނުދޭ”. “މަގޭ ދަރިންނޭ ނުދޭ. ތިޔަ ދަނީ މީދާ ފަހަތުންނޭ” ޅަ ބުޅާތަކަށް މިއަޑެއް ނީވުނު. މީދަލުގެ ފަހަތުން ސަފުހަދައިގެން ދާންފެށި. ބުޅާ މާޔޫސްވެފައި ބުނެލި “ހާދަ ދެރައޭ.. މިވީގޮތަކުން. “

ލައްބިއްލާ ވަރަށް ދެރަވެއްޖެ… އަސްލު މައިމީދާ މި މިކިޔާ ލަވައަކީ “މަ މީދަލުގެ ފަހަތުން ފުލުގެ ފަހުން ފުލުގެ ފަހުން ފުލުގެ ފަހުން ނަގޫ ބަލައި ނަގުލު ހިފައިގެން އަންނާށޭ”. ދެން ލައްބިއްލާ މި ލަވަ ކީމާ އެ ބުނެވެނީ މީދަލުގެ ފަހަތުން އަންނާށޭ! އެ ބުނަނީ މީދަލުގެ ފަހަތުން ކިޔަމަންވެ އަންނާށޭ.. ދެން ހަދާނެ އެއް ގޮތްވެސް ނެތިއްޖެ. ޅަ ބުޅާތައް މަންމަލައްބިއްލާ ގާތަކަށް ނައި….

ވާނީ މިހެންތާ.. މީހަކު ކިޔާހާ އެއްޗެއް އަހައި، އެ ކިޔެނީ ކީކޭކަން ދަސްކުރަން ޖެހޭކަން ނުވިސްނުނީމާ، އަދި ހަމަ ހިތަށް އެރުމުން ކުރީމާ މިހެންތާ ވާނީ. ބުޅާ ދެރަވެގެން ބަލަން އޮތް.. ބުޅަލުގެ ދަރިން މީދަލުގެ ފަހަތުން ގޮސް އޮބައިފި.. (ނިމުނީ)


މުދައްރިސް
(c) 2021