ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން އުފެއްދި އާ އިއްތިހާދުގެ މަސައްކަތް ފަށައިފި


ލިޔުން ތާރީހް: 1 ނޮވެންބަރު 2024

“އިންޓަނޭޝަަނަލް އެލަޔަންސް ޓު އިންޕްލިމެންޓް ދަ ޓޫ ސްޓޭޓް ސޮލިއުޝަން” ގެ ނަމުގައި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އުފެއްދި މި އިއްތިހާދުގައި މެދުއިރުމައްޗާއި ޔޫރަޕާއި އެހެން ބައެއް ހިސާބުތަކުގެ ގައުމުތައް ވެސް ހިމެނެ އެވެ.

ސައޫދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން ވިދާޅުވީ ވެރިރަށް ރިޔާޟްގައި ދެ ދުވަހަށް ބާއްވާ މި ބައްދަލުވުމުގައި 90 އާ ގާތްކުރާ އަދަދަކަށް ގައުމުތަކުން ބައިވެރިވާ ކަމަށެވެ.

“ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ނެރެލުމަށް ހިންގަމުން އެ ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް. މިއީ ސައޫދީ އަރަބިއްޔާއިން ކަނޑައެޅިގެން ދެކޮޅު އަމަލެއް،” ޣައްޒާގައި އިޒްރޭލުން ކުރިމަތިކޮށްފައިވާ ވޭންދެނިވި ހާލަތާއި އެހީގެ މަގުތައް ބަންދުކޮށްގެން ތިބޭ ތިބުން ކުށްވެރިކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އިންސާނީ ވަސީލަތްތަކާ ބެހޭ ގޮތުންނާއި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ އާއި ދެ ދައުލަތެއްގެ ހައްލެއް ގެނައުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ކަމަށް ޑިޕްލޮމެޓުން ވިދާޅުވެ އެވެ.

ޑިޕްލޮމެޓުން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ މެދުއިރުމަތީގެ ސުލްހައިގެ ކަންކަމަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ސްވެން ކޫޕްމަންސް ކަމަށެވެ.

އިޒްރޭލުގެ އަސްކަރީ އެންމެ ބޮޑު އެހީތެރިޔާ އެމެރިކާއިން ވަނީ ފަލަސްތީނުގެ ކަންކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ހާޑީ އަމްރު ފޮނުވައިފަ އެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ އެކު އިޒްރޭލާއި ފަލަސްތީނުގެ ދައުލަތްތައް އެކުގައި ސުލްހަވެރިކަމާ އެކު އުފައްދައި ދެމިތިބެވޭނެ “ދެ ދައުލަތުގެ ހައްލެއް” ގެ ވާހަކަތައް އަލުން ވަނީ ދެކެވެން ފަށައިފަ އެވެ. އެކަމަކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ފިކުރުގެ ސަރުކާރަކީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމާ ދެކޮޅު ސަރުކާރެކެވެ.


މުދައްރިސް
(c) 2021